ރާއްޖޭގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވާނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަކީ ޒަމާނީ ޑިމޮކްރަސީގެ ނަމޫނާއެކެވެ. އަދި ރައްޔިތުން ބޭނުންވަނީ އެފަދަ ވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
.“މިއީ ބޭނުންވާ ވެރިންނަކީ. މިއީ ބޭނުންވާ ރައީސުންނަކީ. ރައްޔިތުންގެ ގާތުން ޕާޓީވިޔަސް ސަރުކާރުވިޔަސް ރައްޔިތުންގެ ގާތުން އައްސަވާ ރައްޔިތުންނާއެއްކޮށް މަސައްކަތް ކުރާތަން މިފެންނަނީ. 2028 ވަނަ އަހަރު، ﷲ އިރާދަފުޅު ކުރެއްވިއްޔާ ރައީސް މުޢިއްޒު ވަރަށް ފަސޭހަކަމާއެކު އިންތިޚާބު ގެންދަވާނެ،“ޝާހިދު ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް އޮތީ އެންމެ 30 ޕަސެންޓް ކަމަށް އިދިކޮޅު އެމްޑީީގެ ބައެއް އިސްވެރިން ވިދާޅުވެވާތީ އެކަމަށް ޝާހިދު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.
އޭނާ ވިދާޅުވީ އެފަދައިން ވިދާޅުވާއިރު، ބާކީ އޮތް 70 ޕަސެންޓްގެ ވާހަކަދައްކަވަން ޖެހޭ ކަމަށާއި އެ 70 ޕަސެންޓް ލިބޭނެ އިތުރު އެއްވެސް ބޭފުޅެއް ނެތް ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ފަސޭހަކަމާއެކު 60 ޕަސެންޓުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
”އަޅުގަނޑު ބުނާނީ ދެ އަހަރާއި ބައިވިއިރުވެސް މައްސަލައެއް ނެތޭ 30 އިންސައްތަ އޮތަސް. އަނެއް ދެ އަހަރާއި ބައި ކުރިއަށް އޮތް ތަނުގައި އެއާ އެއްކޮށްލީމައި އެވަނީ 60 އިންސައްތަ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް މުޢިއްޒު އާއެކު 60 އިންސައްތައިން،“ ޝާހިދު ވިދާޅުވިއެވެ.



