ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކުރެއްވި، ފުވައްމުލައް ސިޓީ މާދަނޑު، ސަމާ، ފާރޫގް އަހުމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާރޫގް އަހުމަދު ނިޔާވުމުގެ ފުން ހިތާމައިގައި، ބައިވެރިވެ މަރްހޫމްގެ އާއިލާއަށާއި ފުވައްމުލަކުގެ އެންމެހައި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ފާރޫގް އަހުމަދަކީ ދިވެހި ދައުލަތުގެ އިދާރީ ހިންގުމުގެ ދާއިރާގައްޔާއި، ހާއްސަކޮށް ފުވައްމުލަކުގެ ތަރައްގީއަށްޓަކައި އެ ރަށުގެ އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަގާމުތަކުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ނަމޫނާ ޝަހުސިއްޔަތެކެވެ.
މީގެ އިތުރުން ވަކިވެގެން ދިޔައީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށްވެސް ގިނަގުނަ ހިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަހުސިއްޔަތެއްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ، މަރުހޫމް ފާރޫގް އަހުމަދުގެ ހެޔޮ ހިދުމަތްތައް ގަބޫލުކުރައްވައި، އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވަމުންނެވެ. އަދި މާތް اللهގެ ތަނަވަސް ރަހުމަތުގައި އެމަނިކުފާނު ލެހެއްޓެވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.



