ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ރ. ދުވާފަރުގައި ދަނާލެއް ތަރައްޤީކުރަން ފެނަކައާއި ޙަވާލުކޮށްފި

ދުވާފަރުގައި ދަރިވަރުންގެ ދަނާލެއް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާއި ޙަވާލުކޮށްފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން ޙަވާލުކުރެވުނު މަސައްކަތްތަކެއްކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު އެކަމަޑޭޝަން ޚިދުމަތްތައް ބިނާ ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ހަމަޖެހިފައެވެ. މިތަނުގައި ޝެއަރިންގ 31 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫއުތަކަކީ، މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓުގެ އިތުރުން މިހާރުވެސް ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖަކާއި، ރ.އަލިފުށީގައި ޓިވެޓް ސެންޓަރަކާއި، ނ.ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ދިވެހިންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު ކުޅުދުއްފުށީގައާއި ދުވާފަރުގައި މި ގާއިމު ކުރެވޭ ކިޔަވައިދިނުމުގެ ވަޞީލަތްތަކާއި ދަރިވަރުންގެ ދަނާލުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ފުރުޞަތުތައް އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ، މިހާރަށްވުރެ ގިނަ ގޮތްގޮތުން ފަސޭހަވެގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް