- Advertisement -spot_img

މަސައްކަތްތެރިންނަށް ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ: ސައީދު

ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ކުރިއެރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހިނގާލުމުގައި ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުން މަސައްކަތްތެރީންގެ ބުރަ މަސައްކަތް އަގުވަޒަންކުރާކަމަށެވެ. ވަޒީރު ވިދާޅުވީ، މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުވާނެހެން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށާއި، މަސައްކަތްތެރިންގެ އަގުވަޒަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ޢާއިލާތަކާއި ދުރުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އެރިސޯޓުތައް ކައިރިން ފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށެވެ.

”މަސައްކަތްތެރިންގެ ހައްގުތަކަށް ކުރެވޭ ކަންކަމާއި މަސައްކަތްތެރިންގެ ހައްގުތައް ވަނީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައި.“ މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދިނުމަށް ކުރެވުނު މަސައްކަތަކީ އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ސަރުކާރުން ކުރެއްވި މުހިއްމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާ ވަޒީރު ވަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫންވެސް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައެއްހަމަކުރުމަށް ކުރެވުނު މަސައްކަތްވެސް ފާހަގަކުރައްވާފައެވެ. 

ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް