- Advertisement -spot_img

އިންސާނާގެ ނަފުސަކީ އަމާނާތެއް، އަމާނާތަށް ގެއްލުންދިނުން ޙަރާމްވެގެންވޭ: ޚުތުބާ

އިންސާނާގެ ނަފުސާއި އަބުރަކީ މާތް الله ޙުރުމަތްތެރި ކުރައްވާފައިވާ އަމާނާތެއް ކަމަށާއި، އެ އަމާނާތަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި އިސްލާމީ އުންމަތަށް ގޮވާލައިފިއެވެ.

މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ ”ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!“ މި މައުޟޫޢުގެ މައްޗަށެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲ ވަނީ އާދަމުގެ ދަރިން އެހެން ހުރިހާ މަޚްލޫޤުންގެ މައްޗަށް މާތްކުރައްވާފައެވެ. އަދި ޙައްޤަކާ ނުލައި ނަފުސެއް މެރުމަކީ ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަން ފާހަގަކޮށް، ދިރިއުޅުމުގައި ދިމާވާ މުޞީބާތްތަކަކީ އިންސާނާ އިމްތިޙާނުކުރެއްވުމަށް މެދުވެރިކުރައްވާ ކަންކަން ކަމުގައި ޚުތުބާގައި ބުންޏެވެ.

”މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވޭ. ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެ“ ޚުތުބާ ގައި ބުނެފައިވެއެވެ.

އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ރަސޫލާ (ޞޢވ) ކަށުނަމާދު ނުކުރައްވާކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އެއީ އެފަދަ ނުބައި ޢަމަލުތަކުން މީސްތަކުން ދުރުހެލިކުރުވުމަށް ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް، ޢިލްމުވެރިންގެ ބަހަކީ އެފަދަ މީހުން ހިނަވައި ކަފުންކޮށް، އާންމު މުސްލިމުން އޭނާގެ މައްޗަށް ކަށުނަމާދު ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، މުޖުތަމަޢުގެ އިސްވެރިންނާއި ހެޔޮލަފާ މީހުން އެކަމުގެ ނުރުހުން ހާމަކުރުމުގެ ގޮތުން ކަށުނަމާދުގައި ބައިވެރިނުވުން އެދެވިގެންވާ ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ މުޖުތަމަޢުގައި ފެތުރެމުންދާ ’ގަނާކުރުން‘ ނުވަތަ ބުލީކުރުމުގެ ވަބާއާ ބެހޭގޮތުން ޚުތުބާގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީހުންނަށް ފުރައްސާރަކުރުމާއި، ހަނގާކުރުމަކީ އަބުރަށް އަރައިގަތުން ކަމަށާއި، އެއީ ނަރަކައިގެ ޢަޛާބު ލިބިދާނެ ކަމެއްކަން ހަނދާންކޮށްދިނެވެ.

”ބިރުދެއްކުމާއި ބަހާއި ޢަމަލުން ލިބޭ އިންޒާރުތަކުގެ ސަބަބުން، މައިންބަފައިންނާއި މުދައްރިސުންގެ ގާތުގައި ވާހަކަ ބުނަން ނުކެރި ތިބެ، ކުށެއް ނެތް ކިތައް ދަރިވަރުން ދުނިޔެ ދޫކުރޭ ހެއްޔެވެ؟“ ޚުތުބާގައި ސުވާލުކުރިއެވެ.

ޚުތުބާ ނިންމާލަމުން ވަނީ ކަމާބެހޭ މުއައްސަސާތަކަށާއި، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ސައިބާ ކްރައިމްތަކާއި ގަނާކުރުން ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅު އެޅުމަށާއި، ދަރިންގެ ކަންކަން ގާތުން ބަލައި، އެކުދިންނަށް ދިމާވާ ގޮންޖެހުންތަކުގައި އެހީތެރިވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ޙައްލެއް ނޫންކަން ބުނެދިނުމަށް ނަޞޭޙަތްތެރިވިއެވެ.

ގުޅުންހުރި ލިޔުންތައް