- Advertisement -spot_img

އިސްލާމިކް މިނިސްޓަރ ޝެއިހް އާސިމް އާ ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާއި އަދި އައުގާފާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު، ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާސިމް އަލް ހަކީމް އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ޝެއިހް އާސިމްގެ ދަރުސްތައް ރާއްޖޭގައި އިންތިޒާމްކުރާ ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނަޖާހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދަތުރުވެރިޔާ އުމްރާ ގްރޫޕުން ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ބޭއްވުމަށް އިންތިޒާމްކޮށްފައިވާ ހާއްސަ ދަރުސްތަކެއް ދެއްވުމަށް ޝެއިހް އާސިމް ރާއްޖެ ވަޑައިގެންވީ އޭޕްރިލް މަހު 27ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަސް ސިޓީގައި ބޭއްވުމަސް ހަމަޖެހިފައިވާ ދަރުސްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީގައި އަންގާރަ ދުވަހުގެ ރޭ ފުރަތަމަ ދަރުސް ވަނީ ބާއްވާފައެވެ.

ޝެއިހް އާސިމްގެ ދެވަނަ ދަރުސް އޮންނާނީ މާލެ ސިޓީގައެވެ. މި ދަރުސް ފުރަތަމ ބާއްވަން ނިންމީ އާޓިފިޝަލް ބީޗުގައިކަމަށްވީނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބާއްވާފައިވަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމް ހޯލުގައެވެ.

ތިންވަނަ ދަރުސް އެޕްރިލް 30ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާއިރު، މެއި 1ވަނަ ދުވަހު ދަރުސް އޮންނާނީ ފުވައްމުލައް ސިޓީގައެވެ. އަދި އެންމެ ފަހުގެ ދަރުސް އޮންނާނީ މެއި 2ވަނަ ދުވަހު ތިނަދޫ ސިޓީގައެވެ.

ޝެއިޚް އާސިމް، އެންމެ ގިނައިން ނަޞޭޙަތް ދެއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުދާ ޓީވީ، ޒަދް ޓީވީ، ޕީސް ޓީވީ، އިކްރާ، އަދި ސައޫދީ 2 ފަދަ ޓީވީ ޗެނަލްތަކުގައި ވެސް އޭނާ ތަގުރީރު ކުރައްވައެވެ.

ސޯޝަލް މީޑިއާގައި ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ޝެއިޚް އާސިމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް