ރަސްމާލެ މަޝްރޫޢުއަކީ ހިންގަން މަޖުބޫރު މަޝްރޫޢެއްކަމަށާއި، އެ މަޝްރޫޢާނުލައި ބޯހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތްކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް، ގުޅިފަޅު ގިރާވަރުފަޅު ހުލުމާލެ ފޭސް 3 އާބާދުކުރުމުގެ މަސައްކަތް އޮތްއިރު، ރަސްމާލެ ޕްރޮޖެކްޓް އިސްކަމެއް ދީގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރެއްވުމުންނެވެ.
ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދިޔަނަމަވެސް، އެއާއެކުއެކީގައި ހުޅުމާލެ ފޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްވެސް އިސްކަންދީގެން ކުރިއަށްގެންދަމުންދާކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެތަންތާނގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ ވީހާވެސް އަވަހަށް ޤާއިމުކޮށް ރައްޔިތުންނަށް ދިރުއުޅެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ މި މަސައްކަތަކީ ވަރަށް ބޮޑު ހޭދައެއް އެކަމަށް ކުރަންޖެހޭ މަސައްކަތަކަށްވާއިރު، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެކަމަށް ފައިސާ ހޯދުމަށް ގިނަ ދަތިތަކެއް ހުރިކަމަށެވެ.
”އެކަމަށް މަޑުނުކޮށް، ސަރުކާރުން އެ މަސައްކަތްތައް އަވަސްކުރުމަށް މިހާރު މިވަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ކުރުމަށް ނިންމާފައި. އޭގެ ތައްޔާރީތައްވަމުން ދަނީ.“ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރަސްމާލޭގެ އެންމެ ބޮޑު މަޤުޞަދަކީ، މުސްތަޤުބަލަށް އޮތް ޕްލޭންކަމަށް ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައި މިހާރު ހުރި ބިންތަކާއި ނިމުނު ސަރުކާރުގައި ގެންދިޔަ ބިންވެރިޔާ މަޝްރޫޢުގައި، ހުރިހާ ބިންތަކުން ގޯތި ދީފައިވާކަމަށް ވިދާޅުވިއެވެ. ފްލެޓް އެޅުމަށް ޖަގަ ހޯދުމަށްވެސް އޮތީ މަދު ބިންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
”ގުޅިފަޅު، ގިރާވަރުފަޅި، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަން. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަޤުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއުއެއް. ރައީސްގެ ތަޞައްވުރަކީ 20 އަހަރުގެ ޕްލޭނެއް. މިއީ ހިންގަން މަޖުބޫރު މަޝްރުޢުއެއް.“ ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2023 ޑިސެމްބަރު މަހުއެވެ. މިހާތަނށް ވަނީ ފަސްސަތޭކަ ހެކކްޓަރަށްވުރެ ބޮޑޫ ސަރަހައްދެއް ހިއްކާފައެވެ.



