ބުލީ ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ހެދުމަށްޓަކައި އެންޓި ބުލީންގެ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ރައީސް ވިދާޅުވީ ބުލީ ކުރުމަކީ ”ޑީޕް ރޫޓެޑް އިންޓަ ކަނެކްޓެޑް“ ވަރަށް ބައިވަރު މައްސަލަތައް ހިމެނޭ މައްސަލައެއް ކަމަށެވެ.
ރައީސް ވިދާޅުވީ ބުލީކުރުން ގާނޫނީ ނިޒާމުގެ ތެރެއިން ހުއްޓުވުމަށް، ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅައި، އެންޓި ބުލީ ގާނޫނެއް ހެދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީސް، އޭޖީ އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ބިލް ޑްރާފްޓުކުރުމުގައި ފަންނީ މާހިރުންގެ ލަފާ ހޯދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ގާނޫނުގައި ސާފުކޮށް ބުލީގެ އަމަލުތައް ބަޔާން ކުރާނެ ކަމަށާއި އަދި ގާނޫނު ހިނގާ ދާއިރާތައްވެސް ބަޔާން ކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އޮންލައިކޮށް ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބުލީކުރުން ހުއްޓުވުމަށް ވެސް ވަކިން އެ ގާނޫނުގައި ބައެއް ހިމަނާނެ ކަމަށެވެ.



