ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު، ހުވާކުރެއްވި 14 ވަޒީރަކަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކު އިސްތިއުފާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާއެކު މަޤާމުގެ ހުވާކުރައްވާ ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
އެހެންވެ މި މައްސަލަ އެމަނިކުފާނު މަޖިލީހަށް ފޮނުއްވީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ނިންމީ ދެ މައްސަލައެއްގެ ގޮތުގައި ފޮނުވިނަމަވެސް 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ދިރާސާކުރުމަށެވެ.
ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ.



