ނަފްނާސީ ބަލިތައް ތަހަންމަލް ކުރަމުންދާ މީހުންނަށް ޚާއްސަ ހޮސްޕިޓަލެއް ސސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިން މަސައްކަތް ކުރަމުން އައީ ރާއްޖެއިން ބޭރުގެ ލޯނު އެހީގެ ދަށުން އެ މަސައްކަތް ކުރިއަށްގެންދަން ކަމަށެވެ. ނަމަވެސް އެ ފަންޑު ހަމަޖެހުން ލަސްވާތީ، އެ މަސައްކަތް އަވަސްކުރެވެން އޮތްގޮތަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އެކަން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ވަރަށް އަވަހަށް އެ މަސައްކަތް ބިޑަށް ލެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ ބޭރުގެ ލޯނު އެހީގައި މެންޓަލް ހޮސްޕިޓަލް އަޅަން ކުރިން ނިންމީ ލ. ގަމުގައި ކަމަށެވެ. ނަމަވެސް ތަފާސްހިސާބުތަކަށް ބަލާއިރު، އެ ބައްޔަށް އެންމެ ގިނައިން ފަރުވާ ހޯދަނީ މާލެއިން ކަމަށްވާތީ މެންޓަލް ހޮސްޕިޓަލް މާލޭގައި އިމާރާތްކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ނަފްސާނީ ބައްޔަށް މާލެއިން 8125 ފަރާތަކުން ފަރުވާ ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މެންޓަލް ހެލްތާ ގުޅޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



