- Advertisement -spot_img

މަގު ކޮނުމުގެ މަސައްކަތްތައް ކުރާއިރު ކޭބަލް އަދި ހޮޅިތަކަށް ގެއްލުން ނުވާނޭހެން މަސައްކަތް ކުރުމަށް އެދިއްޖެ

މަގު ކޮންނައިރު ސަމާލުކަން ދޭނަމަ، ކޭބަލްތަކަށް ގެއްލުން ލިބިގެން ކަރަންޓު ކެނޑުންފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވޭނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި ސަބަބާ ގުޅިގެން ރޭގައި ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން ސްޓެލްކޯއިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ ކަރަންޓު ކޭބަލަށް ގެއްލުންވުމާ ގުޅިގެންނެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ހއްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި ސްޓެލްކޯގެ ޓެކްނިކަލް ޓީމުން ކުރަމުންގެންދިޔަ މަސައްކަތުން، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ޚިދުމަތް ރޭގައި ދީފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކޭބަލަށް ގެއްލުން ލިބިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަމުގައި ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

”މި މަހުގެ 12 ވަނަ ދުވަހު ވެސް މަގު ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން މެދުވެރިވި. އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ’ފޯލްޓް ޑިޓެކްޓަރ‘ ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފަ. އަދި އެ ގެއްލުން މި ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ.“ ސްޓެލްކޯއިން ބުނެފައިވެއެވެ.

ކަރަންޓު ކުންފުނިން މީގެއިތުރުން ބުނެފައިވަނީ، މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި އިހުމާލުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ދަތިތަކެއް ކުރިމަތިވެ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރާ، އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރަމުންދާތީ އެ ކުންފުނިން ހިތާމަކުރާ ކަމަށެވެ. އަދި މައި ކޭބަލަށް ގެއްލުން ލިބުމާއި ގުޅިގެން ސްޓެލްކޯއިން ވާނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ދިމާވާ މިފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށް ވެސް ބުންޏެވެ.

”ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގަ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ގަބޫލުކުރަން. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެނޫންގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން މި ކުންފުންޏަށް އެންގުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް“ ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން، މަގު ކޮނުމުގެ މަސައްކަތްތައް ކުރާއިރު ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި އެހެންކަމުން، އެފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް