ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ގާނޫނީ ހަމަތަކާއެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއަށް ފަރުވާތެރިވޭތޯ ބަލާނެ ކަމަށެވެ.
“ޕާފޮމޭންސް ބޭސްޑްކޮށް ބައްލަވާފައި މަސައްކަތުގެ ފަރުވާތެރިކަން ހުރިވަރާއި ވަޒީފާއަށް ނުކުމޭތޯއާއި ކުންފުނީގެ މަސައްކަތަށް ބަލައި، މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު އެވަނީ އަންގާފައި. އަދި އެއާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ޓްރިމްޑައުން ކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު ކުންފުނިތަކުގައި އެވަނީ ފެށިފައި. އެހެންވީމާ އޭގެ ތެރެއިން ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް އަންނާނޭ،” ރައީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރެވިގެންދާނީ ގާނޫނުތަކާއި ކުންފުނިތަކުގައި އެފަދަ ކަންކަން ކުރުމަށް ކަނޑައެޅިފައި ހުންނަ އިޖުރާއާތުތަކުގެ ތެރެއިންނެވެ.
ކުންފުނިތަކަށް ޕީސީބީން ފޮނުވި ސާކިއުލާއެއްގައި އެ ބޯޑުން އަންގާފައިވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައިން ދަށްކުރުމަށެވެ. އަދި ކުންފުނިތަކަށް މުވައްޒަފުން ނެގުމުގައި ތަޖުރިބާއާއި ތައުލީމާއި ގާބިލުކަމަށް ބަލައިގެން މުވައްޒަފުން ނެގުމުގެ އުސޫލަށް އަމަލުކުރުމަށްވެސް އެ ސާކިއުލާގައި އިރުޝާދު ދީފައިވެއެވެ.
ކުންފުނިތަކާ ގުޅޭ މައްސަލައެއްގެ ގޮތުގައި އެމްޓީސީސީން ތައާރަފުކުރި މާލެ ޓެކްސީ ލައިންގެ ހިދުމަތަށް ތައްޔާރުކުރި އެޕުގެ މަސައްކަތް ހަވާލުކުރުމުގައި މައްސަލަތަކެއް އުޅޭ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ އެ އެޕުގައި މައްސަލަތަކެއް އުޅޭކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއަށް ދީފައި އޮތް އިރުޝާދަކީ އެ މަސައްކަތް އެންމެ ރަނގަޅަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަށީގެންވާ ގޮތަކަށް ކުރިއަށްގެންދިއުމެވެ. އަދި ނުރަނގަޅު ކަމެއް ހިނގާނަމަ އެކަމެއް ދެނެގަނެ ވަގުތުން އެކަމަކާމެދު ފިޔަވަޅުއެޅުމަށް ރައީސް އޮފީހުން އަންގާފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ކޮންމެ ގޮތެއްވިޔަސް ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ އުސޫލުތަކުގެ ބޭރުން ކަމެއް ކުރުމަށް ސަރުކާރުން އެއްވެސް މިންވަރަކަށް ފުރުސަތެއް ނުދޭނަން. އެކަހަލަ ކަމެއް ކުރާ ބަޔަކުނަމަ އެބަޔަކާމެދު ފިޔަވަޅު އެޅުމަށް ބާރުއަޅާނަން،” ރައީސް ވިދާޅުވިއެވެ.



