މިއަހަރު ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރާ ފުރަތަމަ ގްރޫޕް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް މިހާރު ފުރިހަމަވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ޙައްޖުގެ ދަތުރުތަކަށް އެއްވެސް ހުރަހެއް އޮތް ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ޙައްޖާޖީންގެ ވިސާއާއި، ފްލައިޓްތަކާއި، ހުރުމުގެ އެންމެހާ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިއަހަރު ވެސް ރާއްޖެއަށް ލިބިފައިވަނީ 1,000 ޙައްޖު ކޯޓާއެވެ. އޭގެތެރެއިން 500 ހައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގައުމީ އެއާލައިނުންނެވެ. ބާކީ ތިބި މީހުން ދަތުރުކުރަން ހަމަޖެހިފައި ވަނީ ސައުދީ އަރަބިޔާގެ އެއާލައިނުންނެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މެއި މަހުގެ 26 ވަނަ ދުވަހެވެ.
މިއަހަރު ވެސް ދިވެހި ޙައްޖާޖީންނަށް ”މައްކާ ރޫޓް“ ގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. މިއީ އާންމުކޮށް 20,000 އަށްވުރެ ގިނަ މީހުން ޙައްޖަށްދާ ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް، ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް މި ޚާއްޞަ އިނާޔަތް ދީފައެވެ.
މައްކާ ރޫޓްގެ ސަބަބުން ލިބޭ ފައިދާތައް:
ރާއްޖޭގެ އެއާޕޯޓުން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން މަރުހަލާތައް ނިންމާލެވުން.
ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ނުޖެހި، ސީދާ ބަހުގައި ހޮޓަލަށް ދެވުން.
ޙައްޖާޖީންގެ ފޮށިތައް އެއާޕޯޓުން ސީދާ ހޮޓަލަށް ގެންގޮސްދިނުން.
މި އިންތިޒާމުތަކުގެ ސަބަބުން ދިވެހި ޙައްޖާޖީންނަށް ދަތުރުމަތީގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



