ބިންވެރިޔާ‘ ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު މި ސަރުކާރުން އަޅާ ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު ސަރުކާރުން މިހާރު އަޅަން މަސައްކަތްކުރާ ފްލެޓުތަކަށް ކުރިމަތިލެވިދާނެތޯ ވަރަށް ގިނަ ރައްޔިތުން އެދެމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ގޯއްޗަކީ އަމިއްލައަށް އިމާރާތްކުރަން ޖެހޭ ތަނަކަށްވާއިރު، ފްލެޓަކީ އަޅާ ނިމުމުން ވަރަށް ފަސޭހައިން ލިބޭނެ ނުވަތަ ދިރިއުޅެން ފެށޭނެ ތަނެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅުގައި އިންފްރާސްޓްރަކްޗާ ގާއިމްކުރަން ވަގުތު ނަގާތީ ގޯތީގައި ގެ އިމާރާތްނުކުރެވި ލަސްވާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ކަންބޮޑުވުންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު އެކަމަށް މިހާރު ހައްލެއް ހޯދިފައިވާ ކަމަށެވެ.
”މާނައަކީ މާލެ ސަރަހައްދުން، ހައުސިން ސްކީމަކުން ލިބިފައި އޮތް ގޯތި، ދޫކޮށްލުމަށްފަހު ފްލެޓު ހޯދުމަށް ފުރުސަތު ދޭން،“ ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން އަޅަން ނިންމާފައިވާ ފްލެޓްތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ.



