- Advertisement -spot_img

ހަނގުރާމައާ ގުޅިގެން އަސާސީ މުދާ ލިބުން ދަތިވިޔަނުދިނުމަށް އާ މާކެޓްތައް ހޯދަން މަސައްކަތް ކުރަނީ

މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައި އަސާސީ މުދާ ލިބުން ދަތިިވިޔަ ނުދިނުމަށް އާ މާކެޓުތައް ހޯދުމަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ހަނގުރާމައިގެ ކުރިންވެސް އާ މާކެޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އެގައުމާ ދެމެދުވެސް ވަރުގަދަ ގުޅުމެއް ގާއިމުކުރެވިފައިވާކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.

”ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަ ދެކެވެމުން، ބޭނުން އިރެއްގައި އަޅުގަނޑުމެންނަށް މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެއްޖެޔާ އެކަން ކުރެވޭ ހިސާބުގައި މިތިބީ، އެއީ ވަކި ކަހަލަ މުދަލެއް ނޫން ހުރިހާ ބާވަތެއްގެ މުދާވެސް އިނގޭތޯ“ މިނިސްޓަރު ވިދާޅުވިއެވެ.

މެލޭޝިޔާ، އިންޑޮނޭޝިޔާ، ތައިލެންޑް އަދި ކެމްބޯޑިއާ ފަދަ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރަން ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއާ އެކުގައި މީގެކުރިން މަސައްކަތް ނުކުރާ ބައެއް މާކެޓްތަކާއެކު މަސައްކަތްކުރަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ. އޭގެތެރޭގައި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެއެވެ.

”އެއާއެކުގައި ކަނޑުމަގުންނާއި ވައިގެ މަގުން ލިންކުތަކެއް އެޅެން ޖެހޭ، އެ މަސައްކަތްވެސް ޓްރާންސްޕޯޓް މިނިސްޓްރީއާ އެއްކޮށް އެބަ ކުރިއަށް ގެންދަން. މިސާލަކަށް އެފްރިކާގެ ވަރަށް ފުޅާ އޭވިއޭޝަން ނެޓްވޯކްތައް އެބަހުރޭ، އެ ނެޓްވޯކްތަކުން ރާއްޖެއަށް ކަނެކްޝަން ފެށޭކަމަށް ވަންޏާ އޭގެން އުފެދޭނެތާ ސްޕޭސް އެއާލައިންތަކުން ކާގޯ ސްޕޭސް ކަމުގައި ވިޔަސް. އެހެންވީމަ އެ ދެބައި އެއްކޮށް ދިޔައީމަ ސަސްޓެއިން ކުރަން ފަސޭހަވާނީ އިނގޭތޯ،“ މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް