މެދުއިރުމަތީގައި ހަނގުރާމަ ކުރިއަށްދިޔަޔަސް ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ތެލުގެ އަގު ބޮޑުކުރުމުން އެކި އެކި ސިނާއަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެއީ ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ތެލުގެ އިތުރު ޝިޕްމަންޓްތަކެއް ރާއްޖެ ގެނެސްފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
”އެޕްރީލް ދޭއް ތިނެއް ހިސާބު އަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ ވެސެލްއެއް، އޭގައި ވެސް ޑީސަލާއި ޕެޓްރޯލާ ހުންނާނެ. ހަމައެއާއެކު ހަތަރެއް ނޫނީ ފަހެެއް ހިސާބު އޮމާންގެ ސޮހާރުން އަނެއްކާ ވެސް ބަރުކޮށްގެން އަންނާނެ،“ ޒަމީރު ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއެކު އެކަމުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފެއް ނުލިބޭނެގޮތަށް ކަންކަން ރޭވުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީން އަންނަނީ ކުރަމުންނެވެ.



