އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް މިއަދު ފޮނުވާލަން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ”ދަ ބިޒްނަސް ސްޓެންޑާޑް“ގައި ވަނީ މިކަން ރިޕޯޓްކޮށްފައެވެ. އެ ނޫހުން ބުނީ އެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހުންކަމަށްވާ ސަފީގުލް އިސްލާމާއި، އެމްޑީ ސާދަރު އަލީގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ފޮނުވާލާނެއެވެ.
މި ދެ މީހުންގެ އިތުރުން، މި ހާދިސާގައި ދެން މަރުވީ ތާޖް އުދިން އިސްލާމާއި، އެމްޑީ ރޮބިން މޮއްލާއާއި، އެމްޑީ ނަބީސަރްކާރެވެ.
މި ހާދިސާގައި އަނިޔާވި އިތުރު ދެ މީހަކަށް އަންނަނީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ދެ މީހުންގެ ހާލު ވެސް ސީރިއަސްއެވެ.
އެގޭގައި ރޯވީ ގޭސް ލީކްވެގެން ކަމަށް ދިގުރަށު ކައުންސިލުން ބުންޏެވެ.
ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.



