- Advertisement -spot_img

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ސަން ސިޔާމްގެ ޕާޓީން ވެސް ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ތާއީދުކޮށް ބަޔާނެއް ނެރެފިއެވެ.

އެ ދެ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ވޯޓެއް ނަގަން ވަނީ ނިންމާފައެވެ.

އެމްޑީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށެވެ.

”މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ،“ އެމްޑީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

އެ ޕާޓީން ބުނީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައަޅަން ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ. މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުންނާއި ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ސިޔާމް އަބަދު ވެސް އިސްކަން ދެއްވަނީ އިގުތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް ކަމުގައި ބަޔާނުގައިވެއެވެ.

”އިންތިޚާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް މި ޕާޓީން އިއުތިރާފުވަމެވެ،“ ބަޔާނުގައިވެއެވެ.

އެމްޑީއޭއިން ބުނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމުގެ ކުރިއެރުމަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބާއްވަން ސަރުކާރުން ނިންމި ނިންމުމަށް އެމްޑީއޭއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި، ޚަރަދު ކުޑަކޮށް، އިގުތިސާދު ވަރުގަދަކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަން އެ ޕާޓީން ވަނީ ގޮވާލާފައެވެ.

”މި ޕާޓީ އަބަދު ވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައެވެ،“ އެމްޑީއޭއިން ބުންޏެވެ.

އެ ޕާޓީން ވަނީ ގައުމުގެ ކުރިމަގަށާއި އިގުތިސާދީ ހަމަޖެހުމަށް ކުރާ ހުރިހާ މަސައްކަތްތަކުގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

ގުޅުންހުރި ލިޔުންތައް