- Advertisement -spot_img

ކަންނެލި ދޯނީގައި އަލިފާންރޯވެ އެކަކު ވަރަށް ބޮޑަށް ފިހިފައިވޭ!

ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ބޭރުގައި އޮއްވާ ރޯވި ކަންނެލި މަސްދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާކަން އެނގިއްޖެއެވެ.

ފުލުހުން ބުނީ އެ ދޯނީގައި ތިބި 15 މީހުންގެ ތެރެއިން ފަސް މީހަކު ފިހިފައިވާ ކަމަށެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ ދެ ދިވެއްސަކާއި ތިން ބިދޭސީއަކަށެވެ. އޭގެތެރެއިން އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ އެ ދޯނީގައި އަލިފާން ރޯވީ މިއަދު މެންދުރު ފަހު 14:55 ހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން އެ ދޯނި އަޑިއަށް ދިޔުމުގެ ސަބަބުން އެ ދޯނީގައި ހުރި ބައެއް ތަކެތި އޮޔާ ދިޔަ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އެ ތަކެތި އޮޔާ ދަނީ ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން ކަމަށާއި ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށެވެ.

”ވީމާ، ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ހާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ދަންނަވަމެވެ،“ އެމްއެންޑީއެފުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް