ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއިކިރެވުނު މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) ތައްޔާރުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން ޑިޒައިން މަސައްކަތްތައްވެސް އެކުންފުނީގެ ފަރާތުން ކުރިއަށް ގެންދާނެއެވެ.
އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް އެމް.އޭ.ސީ.އެލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާޙު ވެސް ބައިވެރިވެލެއްވިއެވެ.
މި މަޝްރޫޢަކީ، ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން ފުޅާވެގެންދާނެ މަޝްރޫއެކެވެ. އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ އެއް އެއަރޕޯޓެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމްޓީސީސީއާއި އެކު މި ވެވޭ އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުތަކުގައި މި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެމްޓީސީސީއިންވެސް ވަނީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމުގެ މުހިއްމު ކަމާއި އެކަމަށް އެމްޓީސީސީ އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާޙު ވިދާޅުވީ ރ.އަތޮޅުގައި ޓުއަރިޒަމް ތަރައްޤީވެ، ރާއްޖޭގެ ޓުއަރިޒަމްގެ މުހިއްމު ހަބަކަށް ރ. އަތޮޅު ވެގެންދާއިރު މި އެއަރޕޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށެވެ. އަދި ރ.އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާ އަދި ލުއިފަސޭހަ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.