ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

އެމްބާޕޭގެ ހެޓްރިކުން ސިޓީ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑް ކުރިޔަށް

އެމްބާޕޭގެ ހެޓްރިކުން ޔޫއެފްއާ ޗެމްޕިއަންސް ލީގުން މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑުން ގަދަ 16 ގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ސެންޓިއާގޯ ބަރުނަބިއުގައި، ރެއަލް މެޑްރިޑް ވަނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެ 3-1 އިން މޮޅުވެ، އެގްރެގޭޓް ސްކޯރ 6-3 އިން ކުރި ހޯދާފައެވެ. މިމެޗުގައި ހެޓްރިކެއް ހަދައި މެޗުގެ ތަރިއަކަށްވީ ކިލިއަން އެމްބާޕޭއެވެ. ފުރަތަމަ ގޯލު މެޗުފެށިތާ 4 މިނެޓްތެރޭގައި އޭނާ ކާމިޔާބުކޮދިނެވެ. އެއަށްފަހު 33 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖަހައި، ދެވަނަ ހާފުގެ ކުރީކޮޅު ތިންވަނަ ގޯލު ކާމިޔާބުކޮށް ހެޓްރިކްވަނީ ހަދާފައެވެ. މެންޗެސްޓަރ ސިޓީގެ ހަމައެކަނި ގޯލު ޖެހީ އިތުރު ވަގުތުގައި ނީކޯ ގޮންޒާލެޒްއެވެ. އެހެންކަމުން ރެއާލުން މުބާރާތުގެ ގަދަ 16 ކަށަވަރުކުރިއިރު މެންޗެސްޓަރ ސިޓީވަނީ މުބާރާތު އަލްވަދާއު ކިޔަންޖެހިފައެވެ. މިނަތީޖާއަކީ އެމްބާޕޭއަށް ވަރަށް މުހިންމު ނަތީޖާއެކެވެ. އެގޮތުން އެމްބާޕޭ ވަނީ ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑް ފަހަތަށް ޖައްސާލުމަށްފަހު އެންމެ ހަގު އުމުރުގައި 500 ކެރިއަރ ގޯލު ކޮންޓްރިބިއުޝަން ހާސިލުކުރި ކުޅުންތެރިޔާއަށް ވެފައެވެ.  

ސިގްނަލް އިޑޫނާ ޕާކުގައި ސްޕޯޓިންގ ސީޕީއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލެއް ނުޖެހި އެއްވަރުވުމަށްފަހު، ބޮރޫސިއާ ޑޯޓްމުންޑް ވަނީ ފަހު 16 އިން ޖާގަ ހޯދާފައެވެ. މިދެޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ބޮރޫސިއާ ޑޯޓްމުންޑެވެ. ގޯލެއް ނުޖެހުނު ނަމަވެސް، ޑޯޓްމުންޑް މެޗު ކޮންޓްރޯލް ކުރިއެވެ. މާސެލް ސަބިޓްޒަރ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖިއޮވާނީ ރެއިނާ ވެސް މޮޅުކުޅުމެއް ދެއްކިއެވެ. އަދި ގޯލެއް ކާމިޔާބުކުރަން ޑޯޓްމުންޑަށް ލިބުނު ޕެނެލްޓީ ޖުގައިޝީއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ސްޕޯޓިންގގެ އެންމެ މޮޅު ކުޅުންތެރިޔާ ވިކްޓަރ ގިއޯކެރެސް އަނިޔާގެ ސަބަބުން ނުކުޅެވުމުން، ސްޕޯޓިންގއަށް މެޗުގައި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ފިލިޕްސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗު، ޕީއެސްވީ އައިންދްހޯވަން ވަނީ ފުރަތަމަ ލެގުގައި އެޓީމު ބަލިވިނަމަވެސް އެގްރިގޭޓު ނަތީޖާ އަނބުރާލާފައެވެ. ޔުވެންޓަސްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ބަލިވި ޕީއެސްވީ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތުގައި މިނަތީޖާއާއި އެއްވަރުކޮށްފައެވެ. އެއަށްފަހު އިތުރު ވަގުތުގައި ފްލެމިންގޯ ކާމިޔާބުކޮށްދިން ލަނޑުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއާއެކު އެގްރެގޭޓު 4-3 ގެ ނަތީޖާއިން ގަދަ 16 އިން ޖާގަ ވަނީ ކަށަވަރުކޮށްފައެވެ. އަދި ޔުވެންޓަސްއަށް ވަނި މުބާރާތާ ވަކިވާން ޖެހިފައެވެ.

ޕީ.އެސްޖީ ވަނީ ޕާކް ޑޭ ޕްރޭންސްގައި ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ މޮޅުކަން ދައްކުވައިދީފައެވެ. 7-0 އިން މޮޅުވެ، އެގްރެގޭޓް ސްކޯރ 10-0 އިން ގަދަ 16 އަށް ދަތުރުކޮށްފައެވެ. މިމެޗުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޕީއެސްޖީގެ ހަތް ގޯލުވެސް ކާމިޔާބުކުރީ ތަފާތު ހަތް ކުޅުންތެރިންނެވެ. މިއީ އެ ޓީމުގެ ސްކޮޑުގެ ހުނަރުވެރިކަން ދައްކުވައިދޭ ކަމެއްކަމަށް އެނަސިލްޓުން ބުނެއެވެ. މެނޭޖަރ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން، ޓީމުގެ މިޑްފީލްޑުން ވަނީ ކުޅުން ވަރަށް ފުރިހަމައަށް ރާވާފައެވެ. މިއާއެކު ބްރެސްޓަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވިއެވެ. މި ފާހަގަކޮށްލެވޭ ކާމިޔާބީއާއެކު، މި މޫސުމުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަކީ ވަރުގަދަ ވާދަވެރިއެއްކަން އަލުން ވަނީ ދައްކުވައިދީފައެވެ.

މި ނަތީޖާތަކާއެކު ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވަނީ ކަށަވަރުވެފައެވެ. މިޓީމުތައް ބައްދަލު ކުރަންޖެހޭ ޓީމުތައް އެނގޭނީ އަންނަ ހުކުރު ދުވަހު ރާއްޖޭ ގަޑިން ހަވީރު ހަތަރެއް ޖަހާއިރު ނަގާ ގުރުންނެވެ. ސްވިޓްޒަލޭންޑްގައި ކުރިޔަށްދާ ގުރުއަތުގައި ލީގް ފޭސްގައި ގަދަ 16 ކަށަވަރު ކުރި އަށް ޓީމުން ވާދަކުރާނީ ކޮންއައުޓް ޕްލޭއޮފްގައި ކާމިޔާބު ހޯދި ޓީމުތަކާއި ދެކޮޅަށެވެ. މިމެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 4-5 އަދި ދެވަނަ ލެގު ހަމަ އެމަހުގެ 11-12 ގައެވެ.   

ގުޅުންހުރި ލިޔުންތައް