ވިޔަފާރިކުރުމުގައި އިސްލާމްދީނުގެ ރީތި އުސޫލު ބޭނުންކުރުމާއި އިޙްސާންތެރިކަމާއިއެކު ވިޔަފާރިކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޢާއްމު ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ”އަހާ“ ފޯރަމްގައި ވަޒީރު ޝަހީމް މިހެން ވިދާޅުވީ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާންމު ފަރާތުން ކުރި ސުވާލުގައި އާންމުކޮށް ރަމަޟާން މަހާއި ދިމާކޮށް ތަކެތީގެ އަގު ބޮޑުވާ ގުޅޭގޮތުން ދީނީ ގޮތުން އެކަން އޮންނަ ގޮތަ ސާފުކުރުމަށް އެދުނެވެ.
އެގޮތުން މިސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ވިޔަފާރިތަކުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ދެފަރާތައްވެސް ގެއްލުން ނުވާނެ ގޮތަށްކަމަށް ވިދާޅުވިއެވެ. އަދި އިސްލާމް ދީނުގައި ހުރިހާ ކަމެއްވެސް ބިނާވެފައިވާ އެންމެ މުހިންމު އެއް ސިފައަކީ އިޙްސާންތެރިކަންކަމުގައެވެ.
”ހުރިހާކަމެއްވެސް ބިނާވާންޖެހޭ އެންމެ މުހިއްމު ސިފައަކީ، އިޙްސާންތެރިކަމުގެ ސިފަ. އިޙްސަންތެރިކަން، ކުލުނުވެރިކަން، އަޚްވަންތަކަން. އަޚުލާޤު، އަނެއް މީހާއަށް އެހީވުން. ދަތި އުނދަގޫ ކަމެއް މެދުވެރިވެފައިވާ މީހާއަށް ކަންކަން ފަސޭހަކުރުން، އެގޮތަށް ހަމަ ވިޔަފާރީގެ ކަންކަންވެސް މިއޮންނަނީ. ވިޔަފާރީގެ ތެރެގައިވެސް ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި އިޙްސާންތެރިވުމާއި މިކަންކަމަކީ ﷲ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވާކަންކަން.“ ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން ވިޔަފާރިކުރުމުގައި ހުރިހާ ފަރާތްތަކުންވެސް އިޙްސާންތެރިވުމަށާއި އަދި އެކަމު އަނެކަކަށް ފަސޭހަ ކޮށްދިނުމަށް މަސއްކަތްކޮށްދެއްވުމަށް އެދި ވަޑައިގަތެވެ. ޚާއްސަ ގޮތެއްގައި ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް ވީހާވެސް ބޮޑަކަށް އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ހިފެހެއްޓުމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިގޮތަށް ޢަމަލުކުރާ ވިޔަފާރިތަކަށް ގެއްލުން ނުވާނެކަމަށްވެސް ފާހަގަ ކުރެއްވިއެވެ.
”ކީރިތި ޤުރުއާނުގައި ﷲ ޢައްޒަވަޖައްލަ ދެ މަޤާމެއްގައި މީހުންނަށް ލަޢުނަތް ނުވަތަ ހަލާކު ހުއްޓޭ މި ޢިބާރާތުން ވަޙީކުރައްވާފައިވޭ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ވިޔަފާރީގައި ހީލަތްހެދުމާއި މަކަރުހެދުމާއި މިކަންކަމުގެ ވާހަކަ،“ ވަޒީރު ވިދާޅުވިއެވެ.
އަދި މިއީ ހަމައެކަނި ރަމަޟާންމަހު ކަންކަން ކުރަންޖެހޭ ގޮތް ނޫންކަމާއި، އެހެނިހެން މަސްތަކުގައިވެސް ވިޔަފާރިކުރުމުގައި އިޙްސާންތެރިވުމަށް އެދިފައިވެއެވެ. އަދި ވިޔަފާރީގެ ތެރޭގައި އިޙުސާންތެރިވުމާއި އަމާނާތްތެރިވުމަކީ މާތްﷲ ޢައްޒަވަޖައްލަ އެކަންކަމަށް ނުހަނު ލޯބިވެވޮޑިގަންނަވާ ކަންކަން ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



