ރާއްޖޭގައި ރަމަޟާން މަހާއި ގުޅިގެން ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދޭނެކަމާއި އަދި ތަކެތީގެ އަގު އުފުލޭނަމަ ސަރުކާރުން އަގުތައް ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު %3 ގައި މިހާރުވެސް ހިފެހެއްޓިފައިވާކަމާއި މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް މިގޮތަށް ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
”އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތު އެއޮތީ އެކުލަވާލާފައި. އެއީ އެއްވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ، އެއީ ކިތައް އައިޓަމްތޯ. 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަޟާން މަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައި،“ އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިރޭގެ އަހާ ފޯރަމްގައި ވާހަކަ ދައްކަމުން ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރެފައިވާ ރިޕޯޓަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖޭގެ ތަކެތީގެ އަގު %7 އަށްވުރެއް މިއަހަރު ބޮޑުވާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވީނަމަވެސް ސަރުކާރުން ވިސްނުންތެރިކަމާއިއެކު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް ހުރީ %3 އަށްވުރެ ދަށުގައި ކަމަށް ވިދާޅުވިއެވެ.
”ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން.“ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައްވަން ރައީސުލްްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އެންގެވި ކަމަށާއި އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި ރަމަޟާން މަހާއި ގުޅިގެން ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް ވިޔަފާރިވެރިންވެސް މަސައްކަތް ކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ދަތިތަކެއް ކުރިމަތިވާނަމަ އެކަން ސަރުކާރަށް ޙިއްސާ ކުރެއްވުމަށް އެދިލެއްވިއެވެ.



