އޭޝިއާ ޤަޢުމުތަކުން ވާދަކުރާ ’އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް‘ ގެ އަންހެން ޖޫނިއަރ އުމުރު ފުރައިން ރިހި މެޑަލް ހޯދި އީޝަލްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓްގައި ”15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައި. އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައި“ ވިދާޅުވެފައިވެއެވެ.
އީޝަލް މިކާމިޔާބީ ހޯދީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހުއެވެ. އެގޮތުން ފައިނަލް މެޗުގައި ވާދަކޮށް އީޝަލް ރިހި މެޑެލް ހޯދާފައިވަނީ 229.2 ގެ ސްކޯރ އަކާއެކުއެވެ. އެ ކެޓެގެރީން ރަން މެޑެލް ހޯދި ޗައިނީޒް ޓައިޕޭގެ ލިއައޮ ކެ ރޮންގްއަށް ލިބިފައިވަނީ 231.2 ގެ ސްކޯރ އެކެވެ.
މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލްކުރަމުންދާ ހޯދި ކާމިޔާބީއަކީ ޝޫޓިންގެ ތާރީޙުގައި ދިވެހި އެތްލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އަދި އޭނާ މިމުބާރާތައް ފުރުމުގެ ކުރިން ޕްރެކްޓިސްކޮށްފައިވަނީ އެންމެ ތިން މަސްދުވަހުއެވެ.