ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ކުރީގެ ޕީޖީ މުޢިއްޒު އައްޔަންކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަންގެ މަޤާމަށް، އެ ކޮމިޓީގެ މެންބަރެއް ކަމަށްވާ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް، އަހުމަދު މުޢިއްޒު، ފީފާ އިން އައްޔަންކޮށްފިއެވެ.

މި މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު ވަކިކުރުމުންނެވެ.

ފީފާ އިން ވަނީ، ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ އަދަދު ތިނަކަށް މަދުކޮށްފައެވެ.

ޒުހޫރުގެ އިތުރުން، ދެން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަކިކުރީ، އިއްޔެގެ ވަގުތެއްގައި އިސްތިއުފާދިން އަހުމަދު އަލީ އެވެ.

ޗެއާމަންކަމުގެ މަޤާމަށް ފީފާ އިން އައްޔަންކޮށްފައިވާކަން، މުޢިއްޒު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މުޢިއްޒުގެ އިތުރުން ކޮމިޓީގައި މިހާރު ތިއްބަވާ މެންބަރުންނަކީ، ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން، ފަރީހާ ޝަރީފާއި، ޤާނޫނީ ވަކީލު އިސްމާއިލް ސިމަން އެވެ.

މީގެއިތުރުން، މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގެ ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އޭގެތެރޭގައި، މިދިޔަ އަހަރުގެ ފަހުކޮޅު އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވި ނާހިލް ސިއްދީޤު އިސްތިއުފާ ދިނުން ހިމެނެއެވެ. މި ވަގުތު އެކްޓިންގ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝުޖާއު އެވެ.

ގުޅުންހުރި ލިޔުންތައް