ދެ ގައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އިންޑިއާއާ ގުޅިގެން ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑްރޫޕަދީ މުރްމޫ އަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ރައީސް ވިދާޅުވީ އިންޑިއާއާ އެކު އުފެދިފައިވާ ގާތް ގުޅުން ދެމެހެއްޓުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ އިތުބާރާއި އިހުތިރާމް އަދި އެއްގޮތް ވިސްނުމެއްގެ މައްޗަށް އުފެދިފައިވާ ގުޅުމެއްކަން ރައީސްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
އިންޑިއާގައި މިއަދު ފާހަގަކުރަމުން ދަނީ އެ ގައުމުގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ.