ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ތަރައްގީކުރާ ރަސްމާލޭގެ ދަތުރުފަތުރުގެ މާސްޓްޕްލޭން ތައްޔާރުކުރާނެ ކޮންސަލްޓަންޓަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ރަސްމާލޭގެ ޓްރާންސްޕޯޓު މާސްޓާޕްލޭންގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީއަށް ކޮންސަލްޓަންޓަކު ހޯދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން ކަމަށެވެ.
ރަސްމާލޭ ޓްރާންސްޕޯޓު މާސްޓާޕްލޭނުގެ މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ޓްރާންސްޕޯޓު މާސްޓާޕްލޭނެއް އެކުލަވާލުމެވެ.
މީގެ ދެ މަސް ކުރިން ފިނޭންސުން ވަނީ ރަސްމާލޭގެ ޑީޓެއިލްޑް މާސްޓާޕްލޭނެއް ތައްޔާރުކުރާނެ ކޮންސަލްޓަންޓަކު ހޯދަން ވެސް އިއުލާންކޮށްފައެވެ.
ރަސްމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި، ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ. މި ޕްރޮޖެކްޓު އިއުލާނުކުރި ދުވަހު ސަރުކާރުން ބުނީ ރަސްމާލެ ބްރޭންޑު ކުރަނީ ރާއްޖޭގެ ފުރަތަމަ އެކޯ ސިޓީގެ ގޮތުގައި ކަމަށެވެ. މި ރަށް ހިއްކާ ނިމުމުން ވެގެން ދާނީ ރާއްޖޭގެ އެންމެ ބޮޑު ރަށަށެވެ.
ރަސްމާލޭގެ ބިން ހިއްކުމަށްޓަކައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ވަނީ ގެނެސްފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާޗް މަހަށް ރަސްމާލޭގެ ބިން ހިއްކައި ނިނމުމެވެ.



