ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން ޢަދާލަތު ޕާޓީގެ ނަން އުނިވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާޏްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށެވެ.
އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ ފަސް ސިޔާސީ ޕާޓީއަކަށެވެ. އޭގެ ތެރޭގައި ޢަދާލަތު ޕާޓީ ހިމެނެއެވެ. ނަމަވެސް ޤާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވުމުން އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުގައި ޢަދާލަތު ޕާޓީ ނުހިމެނެއެވެ.
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ ( ޖޭޕީ)ގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެއެވެ. އެއަދަދަށް ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.



