ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން ނޮވެމްބަރު 30، ގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 818 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ. އެ މީހާ ރާއްޖެ އައީ އިތުރު ދެ މީހުންނާއެކު ނޮވެމްބަރު 26، ގައި ކަމަށް ފުލުހުން ބުންޏެވެ. އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭތަނެއްގައި ނުކުރީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ މިންވަރަށް ވުރެ ބޮޑަށް ހަށިގަނޑު ކުނިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.
”ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމް،“ ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައި ނުވެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މައުލޫމާތު ހާމަކޮށްފައިނުވަނީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާތީ ކަމަށެވެ.



