ޑްރަގް ވިޔަފާރިކުރާ މީހުންނަށް ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި އެފަދަ މީހުން މަރުވަންދެން ތިބެންޖެހޭނީ ޖަލުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މި ސަރުކާރުން އިސްލާހު ގެނައީ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން މި ގައުމު ސަލާމަތްކުރުމަށް ކަމަށެވެ.
އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެ ގާނޫނަށް އިސްލާހު ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ޖަލު ހުކުމް އިއްވިޔަސް މިހާތަނަށް އޮތްގޮތަކީ ސަރުކާރުން ބޭނުންވެއްޖެނަމަ އެ މީހުންނަށް މައާފްދީ ދޫކޮށްލެވޭ އުސޫލު ކަމަށެވެ. ނަމަވެސް މިހާރު އެ އުސޫލު ބަދަލުކޮށް އެކަން ނުކުރެވޭގޮތަށް ގާނޫނަށް ބަދަލުގެނެސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެތަކެތީގެ ވިޔަފާރިކުރާ މީހުން ޖަލުން ދޫކޮށްލުމަކީ މަނާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ މައްސަލަތަކުގައި އުމުރަށް ޖަލަށްލާ މީހުން 25 އަހަރު ހަމަވިޔަސް ޖަލުން ނުނިކުމެވޭނެ ކަމަށާއި އެ މީހުން މަރުވަންދެން ޖަލުގައި ތިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މިހާތަނަށް ސަރުކާރަކުން އެޅި އެންމެ ހަރުދަނާ ފިޔަވަޅުކަން ފާހަގަކޮށްލެވެއެވެ.



