ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ސަރުކާރުން ނިންމިގޮތަށް 50،000 ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށް ފަހު، ލަންކާގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ އަދި ނާޒުކު ހާލަތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އެ އެހީއަކީ ދެ ގައުމުގެ ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ.

50،000 ޑޮލަރުގެ އިތުރުން 25،000 ކޭސް މަސްދަޅު ވެސް ހަދިޔާ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ލަންކާ އަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މި ހިތާމަވެރި ހާދިސާގައި ލަންކާއިން މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ގުޅުންހުރި ލިޔުންތައް