ސްރީލަންކާއަށް ކުރިމަތިވި ތޫފާން ޑިތުވާގެ ކާރިސާއާ ގުޅިގެން އެ ގައުމުން ބައިނަލްއަގުވާމީ އެހީއަށް އެދުމުން، އެންމެ ފުރަތަމަ އިޖާބަދީ، އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ގައުމަކީ ދިވެހިރާއްޖެ ކަމަށް، ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ.
ދިވެހި މީޑިއާތަކުން ކުރިއަށްގެންދާ ޓެލަތޯންގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ސަފީރު ރިޒްވީ ވިދާޅުވީ ދިވެހި ސަރުކާރުން މިކަމުގައި އިސްނަންގަވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ދެއްވި އިރުޝާދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ތި ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށާއި މިކަން ކުރިއަށް ގެންދިއުމަށް ދެއްވާ އިރުޝާދަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވޭ ދިވެހިން ދެމުންދާ އެހީއަށާއި، އަދި ދިވެހިރާއްޖެގެ ރައީސްގެ މަސައްކަތަށް.“ ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ތޫފާން ޑިޓްވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ގެއްލުންތައް ވަޒަންކޮށް، ހާލުގައި ޖެހިފައިވާ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.
ލަންކާއަށް ދަތި އުނދަގޫތައް ކުރިމަތިވާ ވަގުތުތަކުގައި އެންމެ އަވަހަށް އެހީތެރިކަމުގެ އަތް ދިއްކޮށްލަނީ ދިވެހިރާއްޖެއިން ކަމަށް ސަފީރު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އެހީ ލިބެމުން އެބަދޭ. ރާއްޖެއިން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދޭން ނިންމީ. ރައީސްގެ އިރުޝާދުގެ ދަށުން ޚާރިޖީ ވުޒާރާއިން ވަނީ އިއުލާންކޮށްފައި މާލީ ގޮތުން އަދި ވަސީލަތްތައް ފޯރުކޮށްދޭން. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން މިކަން،“ ސަފީރު ވިދާޅުވިއެވެ.



