އަންނަ ދިރާސީ އަހަރުގެ ސްކޫލް ހުޅުވެންވާއިރަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ހުރިހާ ފްލެޓަކަށް މީހުންނަށް ވަދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ބައެއް ރައްޔިތުން ވަނީ ސްކޫލް ހުޅުވެންވާއިރަށް ފްލެޓްތަކަށް ނުވަދެވޭނަމަ، މާލެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްކޫލްތަކަށް ކުދިން ގެންދިޔުމަކީ ދަތިކަމެއްކަން ފާހަގަކުރައްވައި ކަންބޮޑުވުންތައް ރައީސް މުއިއްޒާ ހިއްސާކުރައްވާފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ޑިސެމްބަރު މަސް ނިމެންވާއިރަށް ގިނަ ފްލެޓްތަކުގައި ފެނާއި ކަރަންޓްގެ ހިދުމަތް ގާއިމްކޮށް ނިމޭނެ ކަމަށެވެ.
”ޑިސެމްބަރު ނިމެންވާއިރު، ގިނަ ފްލެޓްތައް ލިބިފައި ހުރި ފަރާތްތަކަށް، ނިންމާފައި ހަވާލު ކުރެވޭނެ ކަމަށް މިރޭވެސް އަޅުގަނޑަށް ޔަގީންކަން ދެއްވާފައި ވީ، ނުނިމޭ ތަންތަންވެސް ސްކޫލް ހުޅުވެންވާއިރަށް، އާ ދިރާސީ އަހަރަށް ހުޅުވެން ވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ ކަމަށް ޔަގީން ކަން ދެއްވާފައި ވަނީ،“. ރައީސް ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމާ ގުޅޭ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.



