ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމުން ފަގީރެއް ކަމަށް ބުނެ އަސަރާއެކު އަންހެނަކު ވަނީ ވާހަކަދައްކާފައެވެ.
އޭނާ ބުނީ އޭނާގެ ފަސް ދަރިން ތިބިއިރު، ފިރިމީހާ އޮތީ ޖަލު ހުކުމެއްގައި ކަމަށެވެ. އަދި އޭނާ އުޅެނީ ވަރަށް ދަތިހާލުގައި ކަމަށާއި ޒަކާތު ފަންޑުން ވެސް އެހީއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ ވާހަކަދައްކާ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އަންނަނީ ވައިރަލްވަމުންނެވެ.
މިކަމާ ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އޭނާ އެހީއަށް އެދުމުން މިދިޔަ ސެޕްޓެމްބަރު މަހު އޭނާއަށް ޒަކާތު ހައުސް އިން 15500 ރުފިޔާ ދިން ކަމަށެވެ.
އެކަނިވެރި މައިންނަށް ލިބޭ ފައިސާއާ އެކު، މިހާރު އޭނާ ވަޒީފާގައި އުޅޭތީ މަހަކު ޖުމްލަ 22.000އަށްވުރެ ގިނަ އިން ރުފިޔާ ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އޭނާގެ އަތުގައި 75000 ރުފުޔާ އެބަހުރި ކަމަށް ޒަކާތު ހައުސް އިން މައުލޫމާތު ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ މައުލޫމާތުތައް ހިއްސާކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ މިއީ ޒަކާތު ހައުސް އިން ދިން މައުލޫމާތުގެ ކުޑަ މިންވަރެއް ކަމަށެވެ.



