ޖުމްލަ 407 ޑްރައިވަރުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޓީސީސީން ހުޅުވައިފިއެވެ.
މާލޭ ޓެކްސީ ސާވިސްގެ ނަމުގައި ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ވަނީ ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށެވެ.
އެ އިއުލާނުގައި ވާގޮތުން ޑްރަައިވަރުން މަސައްކަތް ކުރާނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރުއެވެ. އަދި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް ވަނީ އިއުލާންކޮށްފައެވެ. އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރަށެވެ.
ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައިވެއެވެ.
ސަރުކާރުން ފަށާ ޓެކްސީތަކަކީ އިލެކްޓޯނިކް ކާރުތަކެކެވެ. އެ ކާރުތަކަށް ޕެޓްރޯލް އަޅާކަށް ނުޖެހޭނެއެވެ.



