މިފްކޯއިން ހިންގަމުން އަންނަ ކޫއްޑޫ ފިޝަރިޒް ކޮމްޕްލެކްސް ގައި މަސްކިރަން ބޭނުންކުރާ ކައްޓާ މި އަހަރުގެ މަސްވެރިންގެ ދުވަހު ޑިޖިޓަލައިޒްކޮށް ޚިދުމަތްދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޫއްޑުއަކީ އެންމެ ގިނަ މަސްވެރިން ބޭނުންކުރާ އެއް މަރުކަޒު ކަމަށެވެ. އަދި އެތަން ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެތަނުގަ [ކޫއްޑޫ] ހިނގަމުންދާ ބޭރު ފަންޑެޑް ޕްރޮޖެކްޓާ އަދި ސަރުކާރުން މިފްކޯއިން ސީދާ ކުރަމުންދާ މަސައްކަތްތައް މިހާރު އެދަނީ ހިނގަމުން އެކަމުގެ ތެރޭގަ ކުރިން ދިޔަ ދުވަސްތަކެއް… ބޭރުގެ ފަންޑިންގ ގެތެރެއިން ބައެއް ކަންކަމުގެ ތެރެއިން ވަގުތުތަކެއް. އެހެން ނަމަވެސް ވަރަށް ރަނގަޅަށް މީހާރު އެވަނީ ރިސްޓާޓް ވެފައި،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޫއްޑޫގަައި މަސްކިރަން ބޭނުންކުރަމުން އަންނަ ކައްޓާގެ މައްސަލަ އަކީ މަސްވެރިންގެ ޒަމާންވީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ އެ ކާއްޓާ ޑިޖިޓަލައިޒްކުރަން މިފްކޯއަށް އަންގަވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މީ އެންމެ ބޮޑަށް މަސްވެރިން ހަމަ ވަރަށް ޖާއިޒު ގޮތެއްގަ މައްސަލަ ޖައްސާ ކަމެއް. އެ ކައްޓާއިން ކިރާ ނިމޭއިރުގަ މަސްކޮޅުގެ ދެބައިކުޅަ އެއްބައި އޮންނަނީ އަގު ގެއްލިފަ. އެހެންވެ އެ ކައްޓާ ބަދަލުކުރަންޖެހޭ. ޑިޖިޓަލް އެއްކަލަ މޯލްޑިވްސް 2.0 އަށް މިދަނީ، ޑިޖިޓަލް ކުރަނީ މި ކައްޓާ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ… މިހާރު މިފްކޯއަށް ދަންނަވާފަ އޮންނާނީ. މިހާރު މިފްކޯ އެމްޑީ ވެސް ޔަގީންކަން ދެއްވި ޑިސެމްބަރު 10 އަކަށް ކައްޓާތައް ހުންނާނީ ޑިޖިޓަލް ވެފައޭ. އޭރުން ދެތިން ކިލޯ އެބަ ސަލާމަތްވޭ ނޫނީ އަގު އެބަ ލިބޭ އަގު ލިބުނީމަ މިހާރު 16ރުފިޔާއަށް އެ ޖެހޭ ތަންކޮޅު. ތަންކޮޅެއް ވިއްސާ ގާތް ވެސް ވާނެ،“ ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ވާރުތަވި 200އަށް ވުރެ ގިނަ މިލިއަން ރުފިޔާގެ ބެކްލޮގް ޚަލާސްކޮށް، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތައް މިދިޔައަހަރުގެ ޑިސެންބަރު މަހުގެ 10 އިން ފެށިގެން، މެދުނުކެނޑި 48 ގަޑީއިރުގެ ތެރޭގައި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ،
”މިދިޔަ ޑިސެމްބަރ 10އަކުން ފެށިގެން މިހާރު އެއް އަހަރު ވާން ނޫންތޯ މިދަނީ އެންމެ ދެވަހެއްވެސް ނުވެއްޓޭނެ ބަރާބަރަށް ފައިސާ ދެމުން މިދަނީ، ބަރާބަރަށް ފައިސާދަނީ ހަމަ އެއީ ބަންދު ދުވަހެއް ކަމުގަވިޔަސް އެއީ ރޯދަމަސް ކަމަށް ވިޔަސް އީދު ދުވަސް ކަމުގަ ވިޔަސް ކޮންމެ ދުވަހެއް ކަމުގަ ވިޔަސް އަޅުގަނޑުމެން މިއަދާ ހަމަޔަށް އައި އިރުގަ މި އައީ ބަރާބަރަށް އެ ހުރިހާ ފައިސާއެއް ދޫކުރަމުން،“ ރައީސް ވިދާޅުވިއެވެ.



