ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތު މިރޭ އިފުތިތާހުކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓް ދޭ އުސޫލު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާނެއެވެ.

މި ސިޔާސަތުގެ ދަށުން ކައިވެނިނުކޮށް ތިބޭ ޒުވާނުންނަށް ވެސް ފްލެޓް ލިބޭނެ ގޮތްތަކެއް ކަނޑައެޅިފައިވެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ އެ މިނިސްޓްރީން ކުރި ދިރާސާތަކުން ހާމަވިގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ވަރަށް ބޮޑު އާބާދީއަކަށް މާޒީގައި ވަނީ އިހުމާލުވެވިފައި ކަމަށެވެ.

”މި ނަތީޖާ އިން ދޭހަކޮށް ދެނީ ވަރަށް ބޮޑު އާބާދީއަކަށް އަޅުގަނޑުމެން އިހުމާލުވެފައިވާކަން. އެއީ ހެޔޮވަރުގެ އާމްދަނީއެއް ލިބޭ ނަމަވެސް އެ މީހުންގެ ދިރިއުމުގެ ކަންކަން ހުރި ގޮތުން ސޭވިންއެއް ނެތި ނުވަތަ ބޭންކް ފައިނޭންސަށް އެކްސެސް ނެތް ވަރަށް ބޮޑު އާބާދީއަކަށް އިހުމާލުވެފައިވާކަން،“ ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސޯޝަލް ހައުސިންގެ މަޝްރޫއު އެކަނި ހިންގައިގެން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޖުމްލަ ހައްލެއް ނުލިބޭނެ ކަމަށާއި ވަށައިޖެހޭ ހައްލެއް ލިބޭނީ އެކި ފަންތީގެ މީހުންނަށް އަމާޒު ކޮށްގެން ހައުސިން މަޝްރޫއުތައް ހިންގައިގެން ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މިރޭ އިއުލާންކުރެވުނީ 7،500 ހައުސިން ޔުނިޓް ކަމަށެވެ.

”ބޭންކް ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫއުތައް ހިންގޭނެ. މިރޭ މި އިއުލާންކުރާ 7،500 ހައުސިން ޔުނިޓަކީ މި ދެންނެވި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ދޭނެ ޔުނިޓުތަކެއް،“ މުއްތަލިބު ވިދާޅުވި އެވެ.

”މީގެ ތެރޭގައި ފަގީރުކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ކަމާގުޅޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ވެސް ހިމެނިފައިވާނެ.“

މިކަމާ ގުޅޭ އުސޫލުތައް މިރޭ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް