ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރަސްމާލެއިން ގޯތި ދޫކުރާ އުސޫލު އަންނަ ހަފްތާގައި އާންމުކުރާނެ: ރައީސް

ރަސްމާލެއިން ގޯތި ދޫކުރުމުގެ އުސޫލު އަންނަ ހަފްތާގައި އާންމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދެއްވާނެކަން ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ޕީއެންސީން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެކަމުގެ ތަފްސީލު ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް ފަސް މަސް ދުވަހުގެ ތެރޭގައި ބިންހިއްކާ ނިމޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުގެ ކުރިން އެތަނުން 15000 ގޯތި ލިބޭ މީހުން ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އެކަންކުރުމަށްޓަކައި ގޯތި ދިނުމުގެ އުސޫލު އަންނަ ހަފުތާގައި އާންމު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“1500 ގޯއްޗަށް ހުޅުވާލާނަން. އެއީ މާލޭގެ އެކިއެކި ކެޓަގަރީތަކުގައި ހިމެނޭ ރަށްވެހިންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ރަށުގެ ރައްޔިތުން ހިމެނޭހެން އުސޫލުގައި ތަފްސީލު އޮންނާނީ. އިރާދަކުރެއްވިއްޔާ އެތަން ހިއްކާ ނިމޭއިރު ގޯތި ލިބޭ މީހުން އޮންނާނީ ކަނޑައަޅާ ނިމިފައި،” ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި 825 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު 16 ރަށެއްގައި 1100 ހައުސިންގ ޔުނިޓު ތަރައްގީ ކުރުން ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބީއެމްއެލްއާ ހަވާލުކޮށް 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު 4500 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމުގެ އުފާވެރި ޚަބަރު ވެސް އެމަނިކުފާނު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް