ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓްކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ފިންގާޕްރިންޓް އަދި ފޮޓޯ (ބަޔޯމެޓްރިކްސް) އަޕްޑޭޓް ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން ދެން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި އެކަން ފުރިހަމަ ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކޮށްލުމަށް އާދީއްތަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މާދަމައަށް މި ހަމަވަނީ މުއްދަތު. މާދަމަޔާ ހަމައަށް ރަޖިސްޓާ ނުވާ ނޫނިއްޔާ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރެޝަނުގައި ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓުކުރާ ގޮތަށް އޮތީ. މަދަމާއަށްފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނިއްޔާ ޑީޓެއިލް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓްކުރާނެ،“ ރައީސް ވިދާޅުވިއެވެ.

”ކުރަނގި“ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާ ހަމައަށް އައިއިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖެގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި އެމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހާ ކަމެއް،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ 9021 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ސަރުކާރުގައި ޑީޕޯޓުކުރި ބިދޭސީންނަށްވުރެ 143 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަަށް އެންމެ މުހިއްމީ ބައޯމެޓްރިކްސް ނުދީ ތިބި ބިދޭސީން ހޯދުމުގައި ތިބޭފުޅުންގެ އެއްބާރުލުން ދިނުން. ތިބޭފުޅުންނަށް އެފަދަ މީހަކު މަގުމަތިން ނުވަތަ ރަށަކުން ފެނިއްޖެނަމަ އިމިގްރޭޝަންއާއި ފުލުހުންނަށް އެމައުލޫމާތު ދެއްވަންވީ. އެއިރުން އެމީހާ ހޯދާ ޑީޕޯޓުކުރާނަން،“ ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް