އަންނަ އަހަރު ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެފަދައިން ނިންމެވިކަން ހާމަކުރެއްވީ މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.
ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރައަށް ދޭން ނިންމީ 270 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އެ ފައިސާގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޭނުންވާ ފައިސާ ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ މުވައްޒަފުންގެ މުސާރައަށް ގެންނަން ނިންމާފައިވާ ހެޔޮ ބަދަލުތައް ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
”އަޅުގަނޑުމެންގެ މުސާރަ ބޮޑުކުރުމުގެ ކަންތައްތައް ބާރަށް ކުރިއަށް އެބަދޭ. ދެން އަޅުގަނޑުމެންނަށް [ރައީސް] ދެއްވާފައި އޮތް ޔަގީންކަމަކީ 2026ވަނަ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނަށް މުސާރަ ބޮޑުކޮށްދިނުމަށްޓަކައި ޕޭ ހާމަނައިޒޭޝަންގެ އޮނިގަނޑުގެ ތެރެއިން މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން،“ ކަސްޓަމްސްގެ ބަޖެޓުގެ ކަންކަން ބަލަހައްޓަވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުالله އަލީ ވިދާޅުވިއެވެ.
މި މަހުން ފެށިގެން ރައީސް މުއިއްޒު ވަނީ ސިވިލްސާވިސްގެ މުވައްޒަފުންނާއި އިމިގްރޭޝަންގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދެއްވާފައެވެ.
ކަސްޓަމްސް މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން އަބްދުالله އިތުރަށް ވިދާޅުވީ އެ ޚިދުމަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނާންނަތާ 13 އަހަރު ވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ޖުމްލަ 270 މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރައަށް 73 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެއެވެ.



