ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ހަނިމާދޫ އެއާޕޯޓުން 1.3 މިލިއަން ފަތުރުވެރިން ޚިދުމަތް ހޯދާ ދުވަސް އޮތީ މާދުރަކު ނޫން: ޝަރީފް

ޕްލޭންކުރެވިފައިވާ ގޮތަށް އަހަރަކު 1.3 މިލިއަން ފަތުރުވެރިން ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ހޯދާ ދުވަސް މާ ދުރުނޫން މުސްތަގްބަލެއްގައި ފެނިގެންދާނެ ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިރޭ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ވައިގެ ބަނދަރެއް ނޫން ކަމަށާއި، އެއީ ބޮޑު ތިލަދުންމަތި އުތުރުން ދިއްލާ ލެވުނު އިގްތިސާދީ ދަންމަރެއް ކަމަށެވެ.

”އެއީ އެތައް ސަތޭކަ އަހަރު ވަންދެން މި ބޮޑުތިލަދުންމަތި ދުށް ގަދީމީ ހުވަފެން، އީޖާދީ ވިސްނުމާއި، އެންމެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން އުފަން ކުރި އަޖަައިބެއް ފަދަ މި ވައިގެ ބަނދަރު ކޮންމެ 365 ދުވަހަކުން 1.5 މިލިއަން ފަތުރުވެރިން ރާއްޖޭގެ އަސްކަނިން އެތެރެވާތަން ދުށުން އޮތީ ﷲގެ އިރާދަފުޅާއެކު މާ ދުރަކު ނޫން،“. ޝަރީފް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ މަސައްކަތުގައި ބުރަކޮށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

”މި ބިޔަ މަސައްކަތުގެ ޝުކުރު ހައްގު ވަނީ ކުނި ކަހާ މީހާއިން ފެށިގެން، ރެއާ ދުވާލު ގަދައަވީގައި، ވެހާހާ ވާރޭގައި ދޭހާ އަތްވެފައި މި ހުވަފެން ހަގީގަތަަކަށް ހެދުމަށްޓަކައި މަސައްކަތް ކުރި ކޮންމެ މުވައްޒިފެއް، އެންމެ މުވައްޒަފުންނަށް ޝުކުރިއްޔާ، ރޭވުންތެރިކަމާއި ހިންގުންތެރިކަމުގައި ހަނިމާދޫ ވައިގެ ބަނދަރު އޭގެ އަސްލަށް ގެނެސްދެއްވުމަށް އޭގެ ބުރަ މަސައްކަތް އަޅުގަނޑާއެކު ކުރެއްވި ދެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް ޝުކުރު ދަންނަވަން،“. ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް ރަންމާޒީއެއް އިޔާދަވާތަން ދުށުމަކީ، މި ސަރަހައްދު އުފަންކުރި ވަަރަށް ގަދީމީ ހުވަފެނެއް ކަމަަށެވެ. އަދި އެމްއޭސީއެލްއާ ހަވާލުކޮށްދެއްވީ އުތުރުގެ ތަރައްގީގެ ތަޅުދަނޑި ކަމަށާއި، ޒަމާންތަކަކަށް ފުރޮޅިގެން ދިޔަ ނަމަވެސް، މި ހުވަފެނުމަށް ކުޑަ ނަމަވެސް ލޮޅުމެއް ނާރާ، އޭގެ އެތައް 100 އަހަރެއް ފަހުން މިއަދު އެ ސަރަހައްދު ހެއްވަމުން ދަނީ އެތައް ސައްތަ މަތިންދާބޯޓެއް ހިތްފަސޭހަ ކަމުގައި ޖައްސާނެ ވައިގެ ބަނދަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ބޮޑު ތިލަދުންމަތި ހޭލައި، ބޮޑު ތިލަދުންމަތި މި ހޭލައި ގަތީ، ވައިގެ ބަނދަރެއްގެ ސިފައިގައި ފެންނަން މި އޮތް އިގްތިސާދީ ބޮޑު މަސައްކަތުގެ ފަހަތަށް އުފަންވެގެން އަންނާނެ އެތައް ހާސް ވަޒީފާއަކަށް، އޭގެ މޯހިރުން، މުޅި ރާއްޖެއަށް އޮހެމުން އަންނާނީ ބޭރު ފައިސާގެ ސުމާރެއް ނެތް މަންފާތަކެއް، އެއާއެކު ވަށައިގެން ތަރައްގީވާނެ ފަތުރުވެރިކަމުގެ ސިނާއަތްތައް،“ ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް