ކުލަ ގަދަ ރަސްމިއްޔާތަކާއި ހަވާއެރުވުމާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ހުޅުވައިފިއެވެ.
ހަނިމާދޫ އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ.
އެއާޕޯޓް ހުޅުއްވައިދެއްވުމަށްފަހު އެ ދެ ބޭފުޅުން ވަނީ އެއާޕޯޓް ބައްލަވާލައްވައިފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 2.1 ބިލިއަން ރުފިޔާގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 18، 2023 ގަ އެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސް އިންނެވެ.
ދެ ބުރީގެ އެ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. ޓާމިނަލް ޑިޒައިންކޮށްފައި ވަނީ މަޑިއެއްގެ ބައްޓަމަށެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓްގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ ތަރައްގީކޮށްފައެވެ. އަދި މިމަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، މި އެއާޕޯޓްގައި ނިމިފައި ވަނީ 30 ޕަސެންޓްގެ މަސައްކަތް ކަމަށެވެ.
ޝަރީފް ވިދާޅުވީ، މި މަސައްކަތަކީ މި ސަރުކާރު އައިއިރު، ގާތްގަނޑަކަށް %28 އާއި %30 އާ ދެމެދަށް ކޮމްޕްލީޓް ވެފައި ހުރި މަސައްކަތެއް. ތަފާތު މީހުން ތަފާތު ގޮތްގޮތުގައި ދެކިދާނެ، އެކަމަކު މިވަރު ބޮޑު ފެސިލިޓީއެއް ހަދާއިރު، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ޕްރޮޖްކްޓްގެ ކަންތައްތައް،“. ޝަރީފް ވިދާޅުވިއެވެ.
މި ސަރުކާރުން ހަވާލުވިއިރު، ޓާމިނަލް އިމާރާތެއް ނުނިމެއެވެ. ކާގޯ ޓާމިނަލް އިމާރާތާއި، ޖެޓީވެސް ނުނިމެއެވެ. ފަޔާ ސްޓޭޝަނާއި އިންޖީނުގެވެސް ނުނިމެއެވެ. މި ހުރިހާ ކަމެއް މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރުމަށް ބާރު އަޅުއްވާ ދެއްވާ، އެހީތެރިވެދެއްވީތީ ރައީސް މުއިއްޒަށް އޭނާ ޝުކުރު ދެންނެވިއެވެ.



