ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.
އަދި އެ މިނިސްޓްރީން ބެލި ބެލުމުން ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުން ކަމަށާއި، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުން ކަމަށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާ އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުން ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓު ކުރާ އެފަދަ އުޅަނދުފަހަރުގައި މި ކެޕޭސިޓީގެ ކެޕްޓަނުން އެ އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓް ކުރުމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.



