އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކައްޕިގެ އަތުގައި ލައިސަންސެއް ނެތް: އެމްޕީއެލް

މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކައްޕި އަތުގައި ލައިސެންސެއް ނެތް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން މިއަދު ވަނީ އެ މައްސަލައިގެ އެތެރޭގެ ތަހުގީގުގެ ހޯދުންތައް ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ކޮޅުވެއްޓި ދުއްވަން ހަވާލުކޮށްފައިވާ ކައްޕިއަކީ އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސެންސް އަދި ނިޔަމި ކަމުގެ ސެޓްފިކެޓް ވެސް ނެތް މީހެއް ކަމަށެވެ. އަދި އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ވެސް އޭނާގެ ނެތް ކަމަށް އެ ބަޔާނުގައި ވެއެވެ.

ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، އޭގެ ސްޓެބިލިޓީ ގެއްލިދާނެ ކަންކަން ހުރި ކަމަށް އެތެރޭގެ ތަހުގީގުން ހާމަވާ ކަމަށް އެމްޕީއެލްގެ ބަޔާނުގައިވެއެވެ. އެ ގޮތުން މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މުދާ ކަހާލުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މުދާ ބަރުކުރުމުގައި ކޮޅުވެއްޓީގެ ސަލާމަތުގެ ޒިންމާ ނަގަން ޖެހޭނީ ކައްޕި ކަމަށާއި ކައްޕީގެ އިރުޝާދަށް ދެ އެކްސްކެވޭޓަރު ބަހައްޓައި އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓުން ނެގިކަން އެނގެން އޮންނަ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާ ވެސް ކައްޕިގެ އެދުމުގެ މަތިން އުޅަނދުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ބޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ އުޅަނދު ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޕީއެލް އިން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފަކު މޫދަށް ވެއްޓި އެކި ވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ވަޒީފާގެ ވަގުތު ނިންމާލައި އެނބުރި މާލެ ވިޔަފާރި ބަނދަރަށް އައުމަށް އަރަން ޖެހޭ ޓަގު ބޯޓަށް އެރެން އޮތީ އެ ކޮޅުވެއްޓި ގިރާކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮޅުވެއްޓިއަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެމްޕީއެލުން ފުރިހަމަކޮށް، ނިންމާފައިވަނީ އެފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެ ކުންފުނިން އަމަލުކުރަމުންދާ ގަވައިދުތަކާއި އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަންކަން މީގެފަހުން އެ ކުންފުނިން ބަދަލަންޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް