ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 205 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާންކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުން ދަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ރައްޔިތުން ހެދުމަށާއި މުޖުތަމައުއަކީ ޕްރޮޑަކްޓިވް، ފައިދާ ހުރި މަސައްކަތްތަކެއް ކުރެވޭ މުޖުތަމައުއަކަށް ހެދުމަށް ކަމަށެވެ. މިއީ ސަރުކާރުން ކުރާ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އައި އެއްވެސް ރައީސަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ. މިއަދު ސޮއިކުރާ މަޝްރޫއުތަކުގެ ތެރޭގައި ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމާއި އޭގެފަހުން ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ފުރަތަމަ ފިޔަވަޅު އަޅާނެއެވެ.
”މާދަމާ އިރާދަކުރެއްވިއްޔާ މާލޭގައި، ރަސްމިއްޔާތެއްގައި އެބަ ސޮއިކުރަން އިތުރު 205 މަޝްރޫއެއްގައި، މުޅިންވެސް ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކާ މި ހަވާލު ކުރަނީ. މިއިން ކޮންމެ މަޝްރޫއަކީ ވެސް އަޅުގަނޑު ވެފައި ހުރި ވައުދެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި.“ ރައީސް ރޭ ވިދާޅުވިއެވެ.
”205 މަޝްރޫއުގެ އިތުރަށް، ޖުމްލަ 213 މަޝްރޫއު އަޅުގަނޑުމެން ޕްރައިވެޓް ސެކްޓާއާ ހަވާލު ކުރަން ވަނީ ނިންމިފައި،“
މިއަދު ސޮއިކުރާ މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އަމަން އަމާންކަން ގާއިމުކުރުން ފަދަ މަޝްރޫއުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ބޮޑު ”ބޫމް“އެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ. މި ސަރުކާރަކީ އިންޑަސްޓްރީތައް ކުރިއަރުވަން ބޭނުންވާ، އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރަން ބޭނުންވާ ސަރުކާރެއް. ސަރުކާރުގެ %100 ކުންފުނިތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާ މަސައްކަތް ހަވާލުކުރާ ފަދައިން ޕްރައިވެޓް ސެކްޓާގެ ކުންފުނިތަާ ވެސް މި ދަނީ މަސައްކަތްތައް ހަވާލު ކުރަމުން. އޭގެ ސަބަބުން އިގްތިސާދު ފުޅާވެގެން ދާނެ. އިގްތިސާދަށް ދިރުން އަންނާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ނުދީ ހުރި ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިއްޔެ އިން ފެށިގެން ބިލްތަކަށް ފައިސާ ދައްކަމުން އަންނަ ކަމަށާއި އަމާޒަކީ މި މަސް ނިމޭއިރު، ދޭން ޖެހިފައި ހުރި ހުރިހާ ފައިސާއެއް ދީ ނިންމުން ކަމަށެވެ.



