ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެމްޓިސީސީގެ މެނޭޖިން ޑައިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫއުގެ ދަށުން 8000 އަކަފޫޓުގެ ސަރަހައްދެއްގައި ސްކޭޓް ޕާކް ތަރައްޤީ ކުރާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.39 މިލިއަން ރުފިޔާއަށް 150 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްގީކުރުމަކީ އެރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ފަހި ފުރުސަތެއް ލިބޭނެ ކަމެކެވެ. ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެކަމުގެ ސަބަބުން މަގުފަހިވާނެއެވެ.



