- Advertisement -spot_img

ދާއޫދުގެ ބަދަލުގައި ހުޅުމާލެ ޕޮލިސް ހިންގުން އަހްމަދު މުހައްމަދުއާ ހަވާލުކޮށްފި

ހުޅުމާލެ ޕޮލިސް ހިންގުމުގެ މަސްއޫލިއްޔަތުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދު އެކަހެރިކޮށް، އެ މަސްއޫލިއްޔަތު އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާ މިއަދު ހަވާލުކޮށްފިއެވެ.

އަހްމަދު މުހައްމަދަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރެއްވި ބޭފުޅެކެވެ. އޭނާއަށް އަލުން ފުލުހުންގެ ވަޒީފާ ދިނީ ކޯޓުން އިއްވި ހުކުމެއްގެ ދަށުންނެވެ.

ދާއޫދު އެ މަގާމުން އެކަހެރި ކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާތީއެވެ.

ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވައި ވާހަކަދެއްކެވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. ނަމަވެސް އެ ތުހުމަތުތައް ދާއޫދު ދޮގުކުރައްވައެވެ. 

މާލިއްޔަތު ކޮމިޓީއަށް ވިސްލްބްލޯވަރަކު ހުށަހެޅި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އެކުލަވައިލި ސަބް ކޮމިޓީގައި، އެ މައްސަލަތަކުގެ ރިޕޯޓު އިއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރިއިރު، ދާއޫދުގެ މައްސަލައެއް ބަލާފައިވާ ކަމަށާއި އެ ތަހުގީގުން ފާހަގަ ކުރެވުނު ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑަށް ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އޮތީ އެހާހިސާބުން ނިންމާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް ވަރަށް ބައިވަރު މައުލޫމާތު އޭރު ވެސް ލިބިފައި ހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި ދާއޫދުގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާކުރަމުން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެއިތުރުން ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓުގެ ތަފުސީލުތައް ބެލިއިރު، 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަން ވެސް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެހާ ގިނަ އަދަދެއްގެ ފައިސާ ދާއޫދަށް ލިބުނު ގޮތެއް އިތުރަށް ބަލަންޖެހޭ ކަމަށް އޭރު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް