ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ވަރަށް ފުންކޮށް ވިސްނުމަށްފަހު ކަމަށް ހައްވާ ފަޖުވާ ވިދާޅުވެއްޖެއެވެ.
އޭނާގެ ލިންކެޑިން އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
މީގެކުރިން ވަނީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވެސް އިސްތިއުފާދެއްވާފަ އެވެ.
ޕެންޝަން އޮފީހަކީ މިނިވަންމުއައްސަސާއެކެވެ. އެތަނުން ކަންކަން ނިންމާނީ ބޯޑުންނެވެ. އެ ބޯޑުން ނިންމުންތައް ނިންމުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯވެ އެވެ.
ނަމަވެސް ޕެންޝަން އޮފީސް ބޭނުންކޮށްގެން ފައިސާ ޗާޕްކުރަން ސަރުކާރުން އުޅޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަންނަނީ ވިދާޅުވަމުންނެވެ.
މި ވާހަކަތަކަށް މި ސަރުކާރުގެ އެކި ބޭފުޅުން ވަނީ ރައްދުދެއްވާފައެވެ. އަމީރުގެ އެ ތުހުމަތުތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ދޮގުކުރައްވާފައެވެ.



