މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއިން ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށް ރޭޝަމް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް (20އ)، ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) ހަމަ އެގޭ ޙުސައިން ޝަހުދު (30އ) އެވެ..
އެ މީހުންގެ ބަންދަށް ކޯޓުން ކުރިން ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން މިއަދު ހާޒިރުކުރުމުން ވަނީ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އާ ޓާމިނަލަށް ފައިސާ ހުރި ބްރިފްކޭހަކާއެކު ބީއެމްއެލްގެ ދެ މުވައްޒަފަކު ވަންނަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް ވަޅިން ބިރުދައްކައި ފައިސާތައް ހުރި ބްރިފްކޭސް ވަނީ ފޭރިގަނެފައެވެ.
ފޭރުނު ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެ ބްރިފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރާއި ޔޫރޯ ވެސް ހުއްޓެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.
ފައިސާތައް ފޭރިގަތުމަށްފަހު އެ މީހުން ލޯންޗުގައި ފިލަން ކ. ހުރާއަށް ގޮސް ތިއްބައި ފުލުހުން ވަނީ އެ މީހުން ހައްޔަރުކޮށްފައެވެ.
އެ މީހުންނާ ގުޅުން ހުރި ތަންތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހުރާގައި ފާސްކޮށްފައެވެ.
އެ މީހުން ފޭރުނު ޑޮލަރުތައް އަދިވެސް ނުފެނެއެވެ.



