މިއަދު ތަންފީޒު ކުރެވޭ ތިން ކަމާ އެކު ރައްޔިތުންނައް އެތައް ފައިދާތަކެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ތަންފީޒު ކުރެވޭ ތިން ކަންތައްތަކުގެ ތެރޭގައި ހިމެނެނީ 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚަށްފަހު އުފަންވާނެ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާއި ކަށި މިޔަރު ބޭނުމުގެ ހުއްދަ ދިނުމާއި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމެވެ.
އެ ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ރައީސް ވަނީ ޝިކުރު ދަންނަވާފައެވެ.
އެ ތިން ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނެ އެންމެހާ ފަރާތްތަކަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.
މުސާރަ ބޮޑުވުމަކީ ސަރުކާރުގެ މުވައްޒަފުން ޒަމާނުއްސުރެ ކުރަމުން އައި އުންމީދެކެވެ. ރައީސް މުއިއްޒު ވަނީ އެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވައި ވަޒީފާތަކުގައި އުޅޭ ނިކަމެތި އާއިލާތައް ހެއްވާލައްވާފައެވެ.
މުސާރާތަކަށް އަންނަ ހެޔޮ ބަދަލުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ އާންމުކޮށްފައެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް އެކަމާ ގުޅޭ ގަވައިދު ފިޝަރީޒް މިނިސްޓްރީން ނެރުނު އިއްޔެއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެކަން ރައީސް ޑރ މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ އޯގަސްޓު މަހު ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކަށިމިޔަރު މަސްވެރިކަމަށް ހުއްދަ ދިނަސް އެކަން ކުރެވޭނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީގެ އިރުޝާދުތަކާއެއްގޮތަށެވެ.
އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަންޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ.
ޖެނެރޭޝަނަލް ބޭން ގެ ތާރީޚަކީ 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ ފަރާތަތަކާއި، އަދި 1 ޖަނަވަރީ 2007 ގެ ކުރިން އުފަންވެފައިވިޔަސް، ގާނޫނަށް އަމަލުކުރަން ފަށާއިރު 21 އަހަރު ނުފުރޭ މީހުންނެވެ. މިއީ ދިވެހި ރައްޔިތުން ސިއްހީ ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ރައީސް މުއިއްޒު ނިންމެވި ދުރުވިސްނޭ ވަރަށް ހަރުދަނާ ނިންމެވުމެކެވެ. މިކަމުގެ ފައިދާ މުޅި މުޖުތަމައުއަށް ފޯރާނެއެވެ. މިކަމުގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކަކުން ޒުވާން ޖީލު ސަލާމަތްކުރެވި ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް މަގުފަހިވާނެއެވެ.
މިފަރާތްތަކުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުން ގާނޫނީ ގޮތުން މިހާރު މަނާވާނެއެވެ.



